times print

(ވެރިއެއްގެ ނިމުން (2ވަނަ ބައި

- July 30, 2010

(މުހަންމަދު ނަޝީދު (އަންނި


ދިވެހި އަންހެނުންނަކީ އަބަދުވެސް ދިވެހި ވެރިކަމުގެ ކަންކަމުގައި ފިސާރި އަތްގަދަ ގޮތެއްގައި ޙަރަކާތްތެރިވަމުން އައި ބަޔެކެވެ. މުހަންމަދު އަމީނުގެ ވެރިކަމުގައި އެންމެ ފާހަގަވެގެންދިޔަ އެއްކަމަކީ، ދިވެހިރާއްޖޭގެ އެންމެހާ ކަންތައްތަކުގެ ތެރެއަށް އަންހެނުން ނެރުނު ދަރަޖައާޢި މިންވަރެވެ. އެދުވަސްވަރު ފުޅާ ދާޢިރާއެއްގައި އަންހެނުންނަށް ތައުލީމުގެ ފުރްޞަތުތައް ލިއްބައިދޭން ފެއްޓުނެވެ. އަދި ސަރުކާރުގައާއި އެހެންވެސް ކަންކަމުގައި އަންހެނުން ބައިވެރި ކުރާން ފެށުނެވެ. މުހައްމަދު އަމީނުގެ ވެރިކަން ވެގެން ދިޔައީ ދިވެހިބަހުގެ އަދަބިއްޔާތަށާއި އަދި މިނޫންވެސް ރޮނގު ރޮނގުން އަންހެނުން ކުރިއަރަމުން އައި ވެރިކަމަކަށެވެ. މި ކަންކަމާއި ނުރުހުންވެ ތިބި އެތައް ދިވެހިންނެއް ތިއްބެވެ. އެހެންނަމަވެސް މިކަންކަމާޢި ރުހި ތިބި އެތައް ބައެއްވެސް ތިއްބެވެ. ހަމަ ގައިމުވެސް ފުރުސަތުތައް ލިބެމުން ދިޔަ އަންހެން ބޭފުޅުން ތިއްބެވީ އެކަންކަމާއި ރުހިވަޑައިގެންނެވެ.

މި ހުއްޓުމުގައި ކޮންމެހެން ފާހަގަކޮށްލަން ބޭނުން ނުކުތާއެއް އެބަވެއެވެ. މުހަންމަދު އަމީނުގެ ވެރިކަން ވެއްޓުނީ އެއްވެސް ހާލެއްގައި އަމީން ދީދީގެ ބަދުއަޚުލާޤީ ނުވަތަ ލާދީނީ އަމަލުތަކަށް ރައްޔިތުން ނުރުހިފައިތިބި މިންވަރުގެ ސަބަބުން ކަމަށް ބުނާކަށް މާބޮޑު ޖާގައެއް ނެތެވެ. މުހަންމަދު އަމީނަކީ އެއްވެސް ހާލެއްގައި ދިވެހި ބޮޑުންގެ އަޚުލާޤީ އެއްވެސް މިންގަނޑަކުން ނެއްޓިވަޑައިގެން ހުންނެވި ބޭފުޅެއް ނޫނެވެ. އަމީން ދީދީވެސް ހިތްޕުޅާވާ އަންހެން ބޭފުޅުން ނެތެކޭ ދަންނަވަނީއެއް ނޫނެވެ. އެހެންނަމަވެސް އަޅުގަނޑު ހޯދި ހޯދުންތަކުން އަޅުގަނޑަށް ވިސްނުނީ އެބޭފުޅާގެ ދިރިއުޅުމުގެ ފާޑަކީ، އެހެންވެސް އެފަދަ ބޭފުޅުންގެ ދިރިއުޅުމުގެ ފާޑާ، މާތަފާތު ބޮޑު ފާޑެއް ނޫންކަމެވެ.

އަމީން ދީދީގެ ވެރިކަން ބަދަލުކުރެވުނު ދުވަހު ގުޅަ ކުޅޭ ފަސްގަނޑަށް އެއްވެ ތިއްބެވި ބައެއް ބޭފުޅުން އަމީން ދީދީ ދިވެހި އަންހެނުންގެ ކަރާމާތްތެރިކަން ނަންގަވާލައްވާފައިވާ ކަމަށް ބަސްވިދާޅުވަމުން ވަޑައިގަތް ކަމުގައި ވީނަމަވެސް، އެދުވަސްވަރުގައި ޖުމްލަކޮށް ދިވެހި އަންހެނުންގެ ކަރާމާތާ ބެހޭ ކަންތައްތަކަށްވުރެން، މުހަންމަދު އަމީނުއާއި ބައެއް ބޭފުޅުންނާއި ދެމެދު ހިނގާފައިހުރި އިޝްޤީ މައްސަލަތައް އެގަޑުބަޑު ރޭވި، ހިނގުމަށް ކުރުވާފައިވާ އަސަރު މާބޮޑެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދަތީގައި ރާއްޖެ ބަނޑަށް ޖެހިފައި  އޮތް އޮތުންވެސް އެއީ އަކީ ކޮންމެހެން ދިވެހި ވެރިކަމެއް ބަދަލުވާންވީ ސަބަބެއް ނޫނެވެ. އޭގެ ކުރީގައިވެސް ރާއްޖޭގައި ތަދުމަޑުކަން ބޮޑެވެ، ބަނޑުހައިހޫނުކަން އާންމުވެފައި ހުރި ކިތަންމެ ފަހަރެއް މާޒީވެ ހިނގައްޖެއެވެ. އޭގެ ސަބަބުން ވެރިކަމަށް އެއްވެސް ބަދަލެއް ނައިހެވެ. ރައްޔިތުން ދުންފަތަށް ކުރާ ހޭދަ ބޮޑުކަމުން، ދުންފަތް މަނާކުރުމުގެ ހައްދުފަހަނައެޅި ޤާނޫނާއި ނުރުހުނު މިންވަރުވެސް އެއީއަކީ ކޮންމެހެން އެ ފުރޮޅާލުމުގެ އަސްލެއް ނޫނެވެ. ބާނާ މަހަށް ހަދަން ޖެހޭނެ ހަމައެކަނި ގޮތަކީ ސަރުކާރަށް ވިއްކުން ކަމުގައި ވެގެން ދިޔަ ހިނދުވެސް އެކަމަކީ، އޭގެ ސަބަބުން ވެރިކަން ބަދަލުވާނެފަދަ ސަބަބެއް ކަމުގައި ދުށުމަށް ދިވެހި ތާރީޚް ހިނގާ މަގު ދުވަހަކުވެސް ޖާގަދީފައެއް ނެތެވެ.

ވެރިކަމުގެ ފަރާތުގެ ބޭކާރު ޚަރަދު ބޮޑުވެ ސަރުކާރަށް ލިބޭ އެއްޗަކުން އެއްގޮތަކަށް ދެކޮޅު ނުޖެއްސުނަސް އެއީއަކީ އެކަމާ ރައްޔިތުން ކަންބޮޑުވެގެން ގޮސް ވެރިކަން ބަދަލު ކުރުމަށް ނުކުމެ ގަންނާނެ ސަބަބެއް ނޫނެވެ. ކުރުގޮތަކަށް ދަންނަވަނީނަމަ އާންމު ރައްޔިތުންނަށް އުނދަގޫވާ ކިތަންމެ ކަމެއް ހިނގި ނަމަވެސް، އެކަންތައްތަކަކީ ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވުމަށް ސިދާގޮތުގައި ބާރުފޯރުވާފައި ހުރި ކަންކަމެއް ނޫނެވެ.

މުހަންމަދު އަމީނުގެ ރައީސްކަމުގެ ވަރަށް ފަހުކޮޅުގައި، ރާއްޖެ އެފަހަކަށް އައިސް ދުވަހަކުވެސް ނުދެކޭފަދަ އިތުރު ހާދިސާތަކެއް ހިނގިއެވެ. އިޝާރާތްކުރަން މިއުޅެނީ ހަކީމް ދީދީގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒް ކުރެވުނު ހާދިސާއާއި، ގޮމާގޭ ސީދި އާއި ބަޑިއަލިބޭގެ ހުސައިން ދީދީގެ އަތް ކެނޑުމުގެ ހާދިސާއަށެވެ. މިކަން ވެގެން ދިޔައީ، އެތައް ބަޔަކަށް ވަރަށް ސިހުން އެރިކަމެއްގެ ގޮތުގައި ކަން އެއިރުގެ މީހުންވެސް ދުށްކަން އެމީހުންގެ ވާހަކަތަކުންނާއި ލިއުންތަކުން އެނގެއެވެ.

މިފަދަ އެންމެހާ ކަންކަން މިދެންނެވި މަގުގައި ހުރިހިނދު، ދެން އެކަންކަމުގެ ތެރެއަށް ވަންނާންފެށީ އަދި ވަކިން މާފަލަ ކަމެކެވެ. ރަށުތެރޭގައި ނުފޫޒާއި ބާރުގަދަ ޚާންދާންތަކުގެ ބޭފުޅުންނަށް އުނދަގޫވެ ގެއްލުންވާފަދަ ކަންކަމެވެ. މިފަދަ ކަންކަން ހިނގަން ފަށައިފިނަމަ، އެފަދަ ކަންކަން ވެފައި އޮންނަނީ، އޭގެ ސަބަބުން ވެރިކަމުގެ ފަރާތަށް ލޮޅުން އަރާފަދަ ކަންކަމަށެވެ. މުހަންމަދު އަމީނުގެ ވެރިކަމުގެ ނިމުމާއި މި ހަމައާއި ގުޅިފައިހުރީ  ވަރަށްވެސް މަތީ ދަރަޖައަކަށެވެ. (ނުނި)

7 Comments »

  1. ވަރަށް ފޭރާން ރަގަޅު ކިޔާހިއްވާ ލިޔުމެއް. މިހާރުގެ ޖީލްތައް އިބުރަތްހާސިލްކުރަން ރަގަޅު ސޮފްހާއެއް. ސިވާސް

    Comment by SIVAAS — August 1, 2010 @ 5:32 pm

  2. ތާރީޚީ އަދި އެގެން ބޭނުން ވާހަކަތަކެއް ޝުކުރިއްޔާ! އަދި ވަކި ކޮޅަކަށް ނުޖެހި އިންސާފަށް ދަންނަވާނަމަ ދަންނަވަންޖެހެނީ، މި ލިއުމުގައި އަދަބީފެންވަރު ވަރަށް ދަށް ކަމަށް. ކިޔަވާކުދިން މިފަދަ ލިއުންތައް ކިޔާ ކަމަށް ވަނީ ނަމަ، އެކުދިންގެ ބަސް މަގު ކޮށިވާނެ ކަމުގައި ދެކެން.

    Comment by kaloa — August 1, 2010 @ 6:00 pm

  3. ކޮމެންޓް 2: ބަސްމަގު ދަށް ކަމަށް ތިޔަ ވިދާޅުވާ ސަބަބުތައް އޮޅުން ފިލުއްވައިދެއްވުން ރަނގަޅުވާނެ. އެހެންނޫނީ، އިތުޅުއްވަނީ ކިޔަވާ ކުދިން މިފަދަ ލިޔުންތަކާޢި ދުރުކުރަންކަމަށް ބަލަން ޖެހޭނީ. މި މަޒްމޫނުގައި އެއުޅެނީކީ ކޮންމެހެން ގުލްޒާރުގެ ހާރެއް ގަތާކަށް ނޫން. އެކަމަކު، ސާފު ސީދާ ބަހުރުވައިން މާޒީގައި ހިނގާފައިވާ މުހިންމު ކަމަކާއި ދޭތެރޭ ބަލައިލާން.

    Comment by vishan — August 2, 2010 @ 1:58 pm

  4. މިހާރުވެސް ގޯސް ހެއްދެވުނީއެވެ. އެހެނީ ރީތި ދިވެހިބަހުން ލިޔެވޭނި އެ ބަސް ރަނގަލަށް ދަންނަ ބަޔަކަށެވެ. ކޮންމެހެން ގުލްޒާރުގެ ހާރެކޭ ނުކިޔުއްވާ. ތާރީޚީ ޞަފްހާތައް ބެއްލެވީމައި ލިޔުންތެރިން ގެ ލިޔުންތައް ފެނިލައްވާނެއެވެ. ބަސްމަގު ދަށެއް ނުވާނެއެވެ. ބުނަން އުޅޭއެއްޗެއް ސާފުކޮށް ދޭހަވާނެއެވެ. ތިޔަ ލިޔުއްވުންތައް ރަނގަލަށް އެނގިލައްވާނީ މިހާރު ރައިސް އިފީހުގައި އުޅުއްވާ ޕްރެސް ސެކްރެޓެރީ ޒުހޭރުއަށެވެ. އަދި މިފަދަ ލިޔުންތައް ރާއްޖޭގައި ޢާއްމުކުރަން ބޭނުންވެލައްވާނަމަ ރާއްޖޭގެ ސްކުލްތަކަށް ދިވެހިކިޔަވައިދޭން އެ ޒުހޭރު ފޮނުއްވާށެވެ. ބަސްމަގު ދައްކަމަށް ފެންނަހުރިހާ ސަބަބުތައް ތިމާ އަމިއްލަޔަށް ރަނގަޅަށް ވިސްނައިގެން ވިދާޅުވީމާފެނިލައްވާނެއެވެ. ތިޔަ ވާގޮތަކި ކުރީ ސަރުކާރުގަވެސް އުޅުއްވި ތިޔަފާޑުގެ ބަޔަކު، އެވެރިންނަށް ވީގޮތަކީ މައުމޫނު ފޮޑިއެއް ޖެހީމާވެސް އެކަން ވާނީ މޮޅުކަމަކަށެވެ. ދެން ދައްކާނީ އޭގެ ވާހަކައެވެ. ދުވާނީވެސް މީރު ހިތްގައިމުވަސް. އެހެންވީމާ ލިޔުމެއް ހަމަ ލިޔުނަކަސް ލޔުންތެރިއަކަށް ވެސް ނުވާނެއެވެ. އަދި 200 އެއްހާ ސަފްހާގެ ފޮތެއް މީހަކު ލިޔުނަކަސްވެސް އެމީހާ މޮޅު މިޞައްނިފަކަށް ނުވާނެއެވެ. އެފަންނުގެ މީހުން ލިޔެފައިވާ ތަކެތި ކިޔާ ބަލާ ހެދީމާ މިޙަޤީޤަތް ސާފުވާނެއެވެ. މާޒީގައި ހިނގާފައިވާ ކަމަކަސް ޙާޟިރުގައި ހިނަގަމުންދާ ކަމަކާބެހޭގޮތުން ލިޔުނަސް ރިތި ދިވެހިބއހުން ލިޔެވޭނެ. ބަސް ރަނގަޅަށް އެނގޭނަމައެވެ. ކޮންމެ ލިޔުންތެރިޔަކި ލިޔުންތެރިއެއް ނޫން! ޅެމެއް ހަދާ ކޮންމެމީހަކީ ޅެންވެރިއެއްވެސް ނުމެނޫން. ޚުޝާމަދު ކުރަން ދަސްނުކުރޭ! ޙަޤިޤަތް ހާމަކުރަން ދަސްކުރޭ!

    Comment by naeem — August 3, 2010 @ 2:33 pm

  5. ކޮމެންޓް 4: ޕްރެސް ސެކްރެޓަރީއަކާއި މި ލޔުމުކާއި އެއްވެސް ގުޅުމެއް ނުވާކަން މަޢްލޫމަތަށްޓަކައި ދަންނަވާލަމެވެ. އަދި ރައީސް ނަޝީދަކީ، ހުރިހާ ދާޢިރާކުން ‘މޭން އޮފް ދަ މެޗު’ ހޯއްދަވަން އުޅުއްވާ ވެރިއެއްކަމަށް ހީނުވާ ވާހަކަވެސް ދަންނަވަމެވެ. އެހެންނަމަވެސް، އެހާ ޅައުމުރެއްގައި އެހާ ގިނަ ކާމިޔާބީތަކެއް ޙާޞިލް ކުރެއްވުމުން އަދި ޤައްޔޫމުގެ 30 އަހަރުގެ ވެރިކަމުގައި ނުވި އެތައް ކަމެއް ރައީސް ނަޝިދު 2 އަހަރުވެސް ނުވަނީސް ކޮށްފައިވަތީ މިކަމާ ނަފްރަތުކޮށް ދެރަވާ ގިނަ ބަޔަކު ތިބިކަންވެސް ޤަބޫލު ކުރެވެއެވެ. އެއްބައި މީހުން ބުނަނީ އެއީ އިންސާނީ ތަބީޢަތް ކަމަށެވެ.

    Comment by vishan — August 3, 2010 @ 2:54 pm

  6. ރައީސް ނަޝީދު އެވަޑައިގެން ނެވީ ރޯލަރކޯސްޓަރ ރައިޑެއްގައި މިހާހިސާބަށް ވެސް . މިކަމުން ބަޑުހީލިކަރުވަނީ އިދިކީލި މީހުން . ދެން މޭނުބައި ކުރަނީ ބައެއް މީހުން ، އަނެއްބަޔަކު އޯކާވެސް ދެމެނީ . އަނެއްކޮޅުން ހުސްބުޅީގައި ބާނާވެސް ލެވެނީ އިދިކޮޅުފަރާތް ތައް .

    Comment by hasan — August 4, 2010 @ 12:32 am

  7. ރަގަޅު ވާހަކައެއް ހުސްބުޅީގައި ބާނާވެސް ލެވެނީ އިދިކޮޅުފަރާތް ތައް ބޭނޭނީވެސް ގޮޅާމެން

    Comment by sutuli-stelco — August 9, 2010 @ 2:32 am

Leave a comment

If you would like to contribute to haruge.com please email to harugemaldives@gmail.com